ޝަހީދު ހުސައިން އާދަމް
ބަތަލުން
ޖައުފަރު އަބްދުއް ރަހްމާން
11/22/20251 min read
މިއަދުގެ ބަޠަލަކީ ހދ. ކުޅުދުއްފުށީ މާވާގޭ، ޙުސައިން އާދަމް (ޝަހީދު ކޯޕްރަލް ޙުސައިން އާދަމް) އެވެ. އޭނާގެ ބައްޕައަކީ އެރަށު އާދަމް މުޙައްމަދެވެ. މަންމައަކީ ޢާއިޝަތު ޙަސަނެވެ.
ޙުސައިން އާދަމް އުފަންވެފައިވަނީ 1968 ވަނަ އަހަރުއެވެ. އެހެންނަމަވެސް އޭނާގެ އުފަންދުވަހެއް އެނގޭކަށް ނެތެވެ. އެންމެ ކުޑައިރުން ފެށިގެން މަޑުމައިތިރި އަދި ހިތްވަރު ގަދަކަމަށް ފާހަގަކުރެވުނު ޙުސައިން އާދަމް ތަޢުލީމު ޙާޞިލުކުރެއްވީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުންނެވެ. އޭނާއަކީ އަބަދުވެސް ސިފައިންގެ ބޭކަލަކަށް ވުމަށް މަސައްކަތްކުރި ޒުވާނެކެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ކެޑޭޓް ޙަރަކާތުގައި ވެސް އުޅުނެވެ.
ނޮވެމްބަރު ތިނެއް މިޤައުމަށް ލައިގަތް ހިނދު ޙުސައިން އާދަމަކީ ސިފައިންގެ ބޭކަލެކެވެ. އެ ނުރައްކާތެރި ޙަމަލާތައް ސިފައިންގެއަށް އަމާޒުވާން ފެށީ އޭނާގެ ޑިއުޓީ ގަޑީގައެވެ. އެރޭ އޭނާގެ ޑިއުޓީ އޮތީ ސިފައިންގެ ގޭގެ ބޭރު ދޮރާށީގެ ހުޅަނގުފަރާތުގައެވެ. އޭނާގެ ޑިއުޓީ ގަޑިއޮތީ ފަތިހު 4:00 އިން ހެނދުނު 6:00 އަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެރޭގެ ފަތިހެވެ. ގަޑިން ފަތިހު 4:30 އެހައިކަންހާއިރު ބަޑިއެއް ގޮއްވާލި އަޑުއިވުނެވެ. އެއީ އެހައި ނުރައްކާތެރި ކަމެއް ކަމަށް ޙުސައިން އާދަމު ފުރަތަމަ ނުބަލައެވެ. އެހިނދު ވާހަކަ ދެކެވުނީ ރައީސް އޮފީގެ ޑިއުޓީގައި ތިބި ސިފައިންގެ ތެރެއިން ބޭކަލަކު ވަޒަނެއް ގޮއްވާލި ކަމަށެވެ. ކުއްލިއަކަށް ޙުސައިން އާދަމަށް ފެނުނީ ސިފައިންގެ ހިމެނޭ ސަރަޙައްދުގައި ސޯޓުބުރި ލައިގެން ބަޔަކު އުޅޭތަނެވެ. އެވާހަކަ އޭނާއާއެކު އެއްޑިޔުޓީގައި ދެންތިބި މީހުންގާތު ވެސް ބުންޏެވެ.
ޙުސައިން އާދަމް އެހެން ބުނުމުން އެކަން ރަނގަޅަށް ބެލުމަށް ޑިއުޓީ އޮފިސަރަކަށް ނުވަތަ ސަރުދާރަކަށް އެވަގުތު ހުންނެވި ލާންސް ކޯޕްރަލް އަޙުމަދު ރިޒާ ޙުސައިން އާދަމު ގާތު ބުނުއްވިއެވެ. އެހެން ބުނުއްވިތަނާ ހިތްވަރުގަދަ ޙުސައިން އާދަމުގެ ބަޑި އަތަށްމަހައި ތައްޔާރީ ޙާލަތަށް އައެވެ. އެވަގުތު ސިފައިންގެ ނުވަތަ ބަނޑޭރިގޭ ގޭޓަށް ވަޒަނެއް އަރައި ސިމެންތިތައް ބުރައިގެން ދިޔައެވެ. އެއާއެކު ވަގުތުން ޙުސައިން އާދަމްގެ ޙަމަލާތައް ފެށިއެވެ.