ޖަޢުފަރު ޢަބްދުއްރަޙުމާނު
މ.ރަތްމަންދޫ
ވޮރަންޓް އޮފިސަރ (ރޑ)
ޖަޢުފަރު ޢަބްދުއްރަޙުމާނަކީ، މ.ރަތްމަންދޫ / ބްލޫލައިޓް އަލްމަރުހޫމް ޢަބްދުއްރަޙުމާނު ޔޫސުފު އާއި މ.ރަތްމަންދޫ / ބްލޫލައިޓް އަލްމަރުހޫމާ ޚަދީޖާ ޙުސައިން ( ޙުސައިންކަލޭގެ ކަނބުލޯ) ގެ ހަތަރުވަނަ ދަރިފުޅެވެ. އުފަންވީ 06 ޑިސެމްބަރު 1960 ގައި މ.ރަތްމަންދޫ ގައެވެ. 21 އޭޕްރިލް 1977 ގައި ތަޢްލީމް ހާސިލު ކުރުމަށް މާލެ އައިސް 27 ޖުލައި 1978 ވީ ބުރާސްފަތި ދުވަހު ސަރުކާރަށް ޚިދުމަތް ކުރަން ފެއްޓީ ކ.އަތޮޅު އޮފީހުގައެވެ. އޭގެ ފަހުން އޭރުގެ އެކައުންޓްސް ޑިވިޝަން (މިހާރުގެ އެމް.އެމް.އޭ) އާއި ޕޯސްޓް އޮފީހުގައި ޚިދުމަތް ކުރެއްވިއެވެ. އެމް.ޓީ.ސީ.ސީ މެރިން ޑިޕާޓްމެންޓްގައި 2 ނަމްބަރ ކާތިބު ކަމުގެ މަޤާމް ފުރުއްވަމުން، ސިފައިންގެ ޚިދުމަތާ ގުޅުނީ 16 ޑިސެމްބަރ 1982 ގައެވެ. ސިފައިންގޭގައި ޚިދުމަތް ކުރެއްވި 31 އަހަރުގެ ތެރޭގައި ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕަރަލް ، ސަރޖަންޓް، ސްޓާފްސަރޖަންޓް ، ވޮރަންޓް އޮފިސަރ ގްރޭޑް 2 އަދި ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ ރޭންކަށް މަޤާމްގެ ކުރިއެރުން ޙާސިލް ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ ވޮރަންޓް އޮފިސަރ 3 ގެ ރޭންކްގައި 1 ޖެނުއަރީ 2014 ގައެވެ.
ސިފައިންގޭގައި ޚިދުމަތްކުރެއްވި ދާއިރާތަކުގެ ތެރޭގައި ޕޮލިސްހެޑްކްއޯރޓަރޒްގެ މަސައްކަތް ވިހި އަހަރު ކުރައްވާފައި ވެއެވެ. އެގޮތުން ޕޮލިސްހެޑްކްއޯރޓަރޒްގެ އީސެކްޝަންގެ ކާތިބުކަމާއި އެން.ސީއޯއިންގެ އެހީތެރިކަމާ އިންވެސްޓިގޭޝަން އޮފިސަރކަމާއި އޭރުގެ ސްޕްސަލް އިންވެސްޓިގޭޝަން ސެކްޝަން (އެސް.އައި.އެސް) ގެ އިންވެސްޓިގޭޝަން އޮފިސަރުކަމާއި ޕޮލިސް ހެޑްކްއޯރޓަރޒް އެޑްމިންގެ ވެލްފެއަރ ސެކްޝަންގެ އިންޗާރޖް ކަން ކުރައްވާފައިވެއެވެ. ދިގު މުއްދަތެއްގައި ތަޙުޤީޤު ކުރުމުގައި ހަރަކާތްތެރި ވެފައި ވެއެވެ.
ސިފައިންގެ ބްރާސް ބޭންޑްގައި 10 އަހަރު ޚިދުމަތްކޮށްފައިވެއެވެ. ބްރާސްބޭންޑް ގައި ޓެނަރ ސެކްސަރޕޯން ޕްލޭއަރެއްގެ ގޮތުގައި ބޭންޑަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވަނީ ރަސްމީ މަސައްކަތުގެ އިތުރުން ޝައުޤުވެރިކަމަކަށްވާތީ އަމިއްލައަށް އެދިގެން ބައިވެރި ވެގެންނެވެ. އެއީ މުސާރައެއް އޮންނަ ވަޒީފާއެއް ނޫނެވެ. ޕޮލިސް ހްޑްކްއޯރޓާޒްގައި ޚިދުމަތް ކުރަމުން އަދާކުރަންޖެހޭ ޑިއުޓީން ވީއްލައިދިނުމުން ގޮސް މަސައްކަތް ކުރާ ގޮތަށް އެޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ގިނަ ރަސްމިއްޔާތު ތަކެއްގައި ބައިވެރި ވެފައި ވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެންމެ ޚާއްޞަ އެއްރަސްމިއްޔާތަކީ 21 ނޮވެމްބަރ 1990 ގައި ދަރުބާރުގޭގައި ބޭއްވި 5ވަނަ ސާރކު ސަމިޓުގެ އެކިއެކި ރަސްމިއްޔާތުތަކެވެ. 7 ޤައުމުގެ ޤައުމީ ސަލާމް ފަރިތަކުރުމާއި އެރަސްމިއްޔާތުގެ ކުޅުނު އެކި ރާގިތައްފަރިތަކުރުމަށް ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވިއެވެ. މިފަދަ އަނެއް ރަސްމިއްޔާތަކީ 1992 ވަނައަހަރު އޭޕްރިލް 21 ގައި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރޭތީ އެރަސްމިއްޔާތަށް ތައްޔާރު ވުމަށް ކުރެވުނު ބުރަ މަސައްކަތެވެ. ރަސްމީ ޕްރޭޑުގެ އިތުރުން ގަރޑްއޮފް އޮނަރ އާއި ދަނޑުގައި ހުށަހެޅި ބޭންޑުގެ ފޯމޭޝަން އާއި 100 އަހަރުގެ ޚާއްސަ ފަރިއްކޮޅު ގަޑީގައި ހުށަހެޅި ބޭންޑްގެ އައިޓަމްއަށް ތައްޔާރުވާން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރަން ޖެހެއެވެ.
ސިފައިންގެ ތާރީޚު ކޮމެޓީގައި 1992 ވަނައަހަރު އޮކްޓޯބަރ މަހުންފެށިގެން ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވަންދެން އެދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. އެދާއިރާގައި ކާތިބުކަމާއި ސިފައިންގެ ތާރީޚު ކޮމެޓީގެ މެމްބަރުކަމުގެ އިތުރުން އެޑިޕާޓްމެންޓުގެ އެން.ސީ.އޯ އިންޗާޖުގެ ގޮތުން ޚިދުމަތް ކުރައްވާފައި ވެއެވެ. ފުރަތަމަ ތާރީޚު ކޮމެޓީގައި، ސިފައިންގެ ތާރީޚީ ރެކޯރޑް ލައިބުރަރީ އެކުލަވާލަން ކުރި މަސައްކަތުގައި ތަންތަނުން މަޢްލޫމާތު ހޯދައި އެއްކުރުމާއި، ލިބޭމަޢުލޫމާތު އެއްކޮށް ކަނޑައެޅިފައިވާ ބައިތަކަށް ވަކިކޮށް ރެކޯޑް ލައިބުރަރީގައި ފައިލުތައް ތައްޔާރުކޮށް ތަކެތި ފަސޭހައިން ފެންނާނޭ ގޮތަށް ތަރުތީބުކުރުމުގެ މަސައްކަތުގައި، އަލްފާޟިލް އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ އަރިހުގައި ފުރަތަމަ ދުވަހުންފެށިގެން ދާއިމީ ގޮތެއްގައި މަސައްކަތް ކުރި ހަމައެކަނި މީހަކީ ޖަޢުފަރު ޢަބްދުއްރަޙުމާނު ކަން ފާހަގަ ކޮށްލެވެއެވެ.
މިހާތަނަށް ސިފައިންގެ އިން ތައްޔާރު ކުރި '' ތަރައްޤީގެ ދުވެލި 22 '' މިފޮތް ލިޔެ އެކުލަވާލުމާއި، އަސްކަރީނިޒާމުގެ ފެށުން، '' ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ '' މިދެފޮތް އެކުލަވާލުމުގައި މަސައްކަތް ވިލަރެސް ކުރުމާއި ބޭނުންވާ މަޢްލޫމާތު އެއްކޮށް ލިޔުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ސިފައިންގެއިން ނެރޭ އައްޑަނަ މަޖައްލާގެ ލިޔުންތެރިއެއްގެ ގޮތުން ދިގު މުއްދަތަކަސް މަސައްކަތް ކުރުމާއި، 2012 ނޮވެމްބަރުގައި ނުކުތް އައްޑަނަ މަޖައްލާއާއި، 2013 އޭޕްރިލް ގައި ނުކުތް އައްޑަނަ މަޖައްލާގެ އެސިސްޓެންޓް އެޑިޓަރގެ މަޤާމް ފުރުއްވާފައި ވެއެވެ.
ސިފައިންގެ އެން.ސީ.އޯ އެކެޑަމީ ވުޖޫދަށް އައިއިރު ބޭނުންވާ ތާރީޚީ މޮޑިއުލް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ފިލާވަޅުތައް ތައްޔާރު ކުރުމާއި، ދަރިވަރުގެ ޕްރެސީ1، ދަރިވަރުންގެ ޕްރެސީ 2 ލިޔެ ތައްޔާރުކޮށް އެމާއްދާ އެއް ހަރަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދިނުމުގެ ގޮތުން، ކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް، ދިވެހި ތާރީޚުގެ ދާއިރާއިން ؛ ތާރީޚު ދިރާސާކުރުމާއި، ފޮތް އެކުލަވާލުމާއި، ތާރީޚާއިބެހޭ ޢިލްމު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2013 ވަނައަހަރު ދައުލަތުން ދެއްވާފައި ވެއެވެ. އަދި ދިވެހި ސިފައިންގެ ތާރީޚު ލިޔެ ރައްކައު ކުރުމާއި، ސިފައިންގެ އަރުޝީފު ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި ޑިއުޓީއަށްވުރެ ބޮޑަށް އަމިއްލަ ކަމެއްގެ ގޮތުގައި ފެނިގެން އިސް ނަގައިގެން ކޮށްފައިވާ އިޚްލާޞްތެރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޗީފްއޮފް ޑިފެންސް ފޯސްގެ ކޮންމެންޑޭޝަން 21 އޭޕްރިލް 2013 ގައި ލިބިލައްވާފައި ވެއެވެ.
މީގެ އިތުރުން އަދަބީރޮނގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސްކޫލުތަކުގެ ދަރިވަރުންނަށާއި ސިފައިންގެ އެކި ދާއިރާއަށް ބޭނުންވެގެން ހެދި އެތަކެއް ޅެންތަކެއްއް ހިމެނިފައިވާއިރު، އޭގެ އިތުރުން އަމިއްލަ ދެޅެންފޮތް '' އާރު 1'' އަދި '' އާރު 2 '' އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައި ވާކަން ފާހަގަ ކުރަމެވެ. އަދި ސިފައންގެއިން އުފެއްދި ގިނަޓެލިޑްރާމާތަކަށް ބޭނުންވާ ތީމް ލަވަހަދައި ދިނުމާއި، ސިފައިންގެއިން ކޮންމެ އަހަރަކު ނެރޭ ޤައުމީ ލަވަ ސީ.ޑީ ގައި ޖަޢުފަރު ޢަބްދުއްރަޙުމާނުގެ ލަވައެއް ގިނަ އަހަރު ތަކެއްގައި ހިމެނިފައިވާކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ.
ޖަޢުފަރު ޢަބްދުއްރަޙުމާނުގެ މި ވެބްސައިޓު އުފެއްދުމުގެ އެންމެ މުހިންމު މަޤްސަދަކީ ދިވެހި ތާރީޚީ ދާއިރާއާއި އަދަބީ ރޮނގުން ކުރައްވާ މަސައްކަތްތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފެންނާނެ ގޮތަށް ބެހެއްޓުމެވެ.
ސިފައިންގެ ޚިދުމަތުގައި ހޭދަ ކުރެއްވި 31 އަހަރުގެ ތެރޭގައި ފުލުހުންގެ ފެންވަރު މަތިކުރާ ކޯހާއި އިންވެސްޓިގޭޝަން އޮފިސަރ ކޯސް ފުލުހުންގެ ދާއިރާއިން ފުރިހަމަ ކޮށްފައިވެއެވެ. ސިފައިންގެ ދާއިރާއިން ކޯޕްރަލްކޯސް، ސަރޖަންޓް ކޯސް އަދި ވޮރަންޓްކޯސް ފުރިހަމަކޮށް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އިން ޑިޕްލޮމާއިން މިލިޓްރީ ސްޓަރޑީޒް (މެނޭޖްމަންޓް) ހާސިލު ކޮށްފައި ވެއެވެ. މިމުއްދަތުގެ ތެރޭގައިޝަރަފުގެ ނިޝާން ގެ ގޮތުގައި 3 މެޑެލްއާއި 6 ކުލަ ލިބުގައި އެވެ. އޭގެ ތެރޭގައި ނޮވެމްބަރު 3 ގެ މެޑެލް، ސައްތައިގެ މެޑެލް، ސާކު މެޑެލް ހިމެނެއެވެ. ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، އިޚުލާސްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލައިގެ އިތުރުން އަޚުލާޤީ ކުލަ 3 ފަހަރު ޙާޞިލް ކޮށްފައި ވެއެވެ.


ޖައުފަރު
hello@jaufaru.com
ހިޔާލު ފާޅުކުރެއްވުމަށް
ވީޑިއޯ ގެލަރީ
© 2025. All rights reserved.
ތާރީހާއި ގުލޭ ލިޔުން
އަޅުގަނޑު މަސައްކަތްތައް